Maldives High Court
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ހިނގަމުން އަންނަ ރާއްޖެއެކެވެ. ރާއްޖޭގެ އަހުލުވެރިންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުނު ފަހުން މިހިނގައިދިޔަ ގިނަ ޤަރުނުތަކުގެ ތެރޭގައި، ރާއްޖޭގެ ވެރިކަން ހިންގުމުގެ ހުރިހާ އިޚްތިޔާރެއް އޮތީ، ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންގެ އަތްޕުޅުމަތީގައެވެ. އެބޭބޭފުޅުން ވެރިކަމުގެ ކަންތައްތައް ހިންގަވަމުން ގެންދަވާފައިވަނީ، އިސްލާމީ އުސޫލުތަކުގެ މަތިން، އަދި ރާއްޖޭގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޝްވަރާއާއި ރުހުން ހޯއްދަވައިގެންނެވެ. ލިޔެފައިނުވާ، އެކަމަކު ވަރަށް ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މަތިންނެވެ.

ދިވެހިރާއްޖޭގައި ޤާނޫނުތަކެއް ލިޔެވިގެން، އެމައްޗަށް އެންމެ ފުރަތަމަ ވެރިކަން ހިންގަންފެށިފައިވަނީ، އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު އިސްކަންދަރު ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައެވެ. މިރަދުންގެ ރަސްކަމުގެ ތިރީސްވަނަ އަހަރު ކަމަށްވި 1349 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 (19މާރޗް 1931) ވީ ބުރާސްފަތި ދުވަހު، އަލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ރިޔާސަތުގެ ދަށުގައި އުފެއްދެވި މަޖިލީހަކާ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެއްވުމަށް މިރަދުން ހަވާލުކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އެކުވެރިކަން ކުރިއަރުވައި، ރައްޔިތު އެންމެންގެ މައްޗަށް ޢަދްލުއިންޞާފާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ހިންގުމަށާއި، ވެރިކަން ހިންގުމުގެ ތެރޭގައި އެމީހުންގެ އެންމެން އެކުވެލި ޝާމިލުވެގެން ތިބުމަށާއި، އެމީހުންނަށް މިނިވަންކަން ލިބި، އަމާންކަމުގައި އުޅުމަށާއި، ރާއްޖޭގެ އެންމެންނަށް އުފާވެރިކަމާއި، ޞުލްޙަމަސަލަސްކަން ލިބޭނޭ ގޮތުންނާއި، ރާއްޖޭގެ ވެރިންނާއި ރައްޔިތުންނަށް ކަންތައް ލުއިވެ ފަސޭހަވާނެގޮތުގެ މަތިން، ރާއްޖޭގެ ކަންތައްތައް ހިންގުމަށްޓަކައި، މިނަންގަނެވުނު މަޖިލީހުން އެކުލަވާލެއްވި ޤާނޫނުއަސާސީ، ކީރިތި މަހާރަދުން ތަޞްދީޤު ކުރައްވައި، ރާއްޖޭގައި ހިންގަވަން ފެށްޓެވީ، 1351 ވަނަ އަހަރުގެ ޝަޢްބާންމަހުގެ 23 (22 ޑިސެމްބަރ 1932) ވީ ބުރާސްފަތި ދުވަހުއެވެ.
ބުނެވިދިޔަ ފުރަތަމަ ޤާނޫނުއަސާސީއަށް، އެކިފަހަރުމަތިން އެކި އިޞްލާޙާއި ބަދަލުތައް، ޤާނޫނީ ހަމަތަކުގެމަތިން ގެނެވެމުން ދިޔައެވެ. މިގޮތުން، ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް އޮވެގެން ވެރިކަން ހިންގާތާ ހަތްއަހަރު ވީފަހުން، ދިވެހިރާއްޖޭގެ އޭރުގެ ޙާލަތާ އެކަށީގެން ނުވާކަމަށް ފެނިގެން، 1358 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 20 (22 ޖެނުއަރީ 1940 ) ވީ ހޮނިހިރު ދުވަހު، އެ ޤާނޫނުއަސާސީ އުވާލެވުނެވެ. އެއަށްފަހު، އަލުން ޤާނޫނުއަސާސީއެއް ހަދައި ފާސްކޮށް، އެމައްޗަށް ރާއްޖޭގެ ކަންތައްތައް ހިންގަން ފެށިފައިވަނީ، 1361 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 (23 އޭޕްރީލް 1942 ) ވީ ބުރާސްފަތި ދުވަހުއެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރަސްކަމެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަން ހިނގަމުން ދަނިކޮށް، 1952 ވަނަ އަހަރު، އޭރު ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ނެންގެވި ވޯޓަކުން، ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާ ވިދިގެން، ރާއްޖޭގެ ޤާނޫނުއަސާސީ، ޖުމްހޫރީ ޤާނޫނުއަސާސީއަކަށް ބަދަލުކޮށް، އެ ޤާނޫނުއަސާސީގެ ދަށުން، 1372 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 14 (01 ޖެނުއަރީ 1953 ) ވީ ހުކުރު ދުވަހު، ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވިއެވެ. އެކަމަކު، 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 (21 އޯގަސްޓް 1953 ) ވީ ހުކުރު ދުވަހު ދައުލަތް ހިންގުމަށް ގެނެވުނު ބަދަލަކާ ގުޅިގެން، ރާއްޖޭގެ ވެރިކަން، 1373 ވަނަ އަހަރުގެ ރަޖަބު މަހުގެ 1 (07 މާރޗް 1954 ) ވީ އާދީއްތާ ދުވަހު އަނެއްކާވެސް، ރަސްކަމަކަށް ބަދަލުވިއެވެ. މިފަހަރުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުވެގެން ދިޔައެވެ.
އޭގެފަހުން، ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންގެ ރަސްކަމުގެ 14 ވަނަ އަހަރު، 1968 ވަނަ އަހަރުގެ މާރޗް މަހުގެ 15 (16 ޛުލްޙިއްޖާ 1387 ) ވީ ހުކުރު ދުވަހު ނެގުނު ޢާންމު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށް ރައްޔިތުން ފާސްކުރުމާ ގުޅިގެން، 1968 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 (20 ޝަޢުބާން ) ވީ ހޯމަ ދުވަހު، ދިވެހިރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ. މިބަދަލާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، އެދުވަހުން ފެށިގެން ހިނގަމުން އައިސްފައިވެއެވެ. އަދި އޭގެފަހުން ތިންފަހަރެއްގެ މަތިން، އެ ޤާނޫނުއަސާސީއަށް ވަނީ، ޤާނޫނީ ހަމަތަކުގެ މަތިން އިޞްލާހު ގެނެވިފައެވެ.

މިޤާނޫނުއަސާސީގެ މަތިން ދައުލަތް ހިނގަމުން އައިސް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސްކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި، 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 (01 ޞަފަރު 1399 ) ވީ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލިހުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ފާސްކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުން ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވައި، 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 (22 މުޙައްރަމް 1401) ވީ އާދީއްތަ ދުވަހުގެރޭ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރައްވައި، ޤާނޫނުއަސާސީ އިޞްލޙް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހާ ހަވާލުކުރެއްވިއެވެ. އަދި އިޞްލާޙް ކުރެވުނު ޤާނޫނުއަސާސީއަކީ، ހުރިހާ ގޮތަކުންވެސް ރަނގަޅު ހަރުދަނާ ޤާނޫނުއަސާސީއަކަށް ހެއްދެވޭތޯ ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު ގޮތުންނާއި ރަސްމީގޮތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ޚާއްޞަ މަޖިލީހުގައި ތަނަވަސްކޮށް ޚިޔާލުފާޅުކޮށް، މިނިވަންކަމާއެކު ބަޙުޘުކޮށްގެން އެކިއެކި ކަންތައްތައް ނިންމަމުން ގެންދިޔުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައި، އެކަމަށް މަގުފަހިކޮށްދެއްވާފައިވެއެވެ. އިޝާރާތް ކުރެވުނު ގޮތުގެ މަތިން، މަޖިލީހުގައި މަޝްވަރާ ކުރައްވައި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަވަން ފެނިވަޑައިގެންނެވި އިޞްލާޙުތައް ގެންނަވައި، އެމަޖިލީހުން އެކުލަވާލެއްވި ޤާނޫނުއަސާސީ، 1418 ވަނަ އަހަރުގެ ރަޖަބުމަހުގެ 27 (27 ނޮވެމްބަރ 1997) ވީ، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަޞްދީޤު ކުރެއްވުމުން ދިވެހިރާއްޖޭގެ ރައްޔިތުން، އެ ޤާނޫނުއަސާސީ ބަލައިގަތެވެ.

އިޝާރާތް ކުރެވުނު 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ދައުލަތް ހިނގަމުން އައިސް ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖެއަށްވެސް ތިންބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރަސީ ތަޢާރަފު ކުރުމަށާއި ޒަމާނާ ގުޅޭނޭ ގޮތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށާއި އެކަންކަން ހަރުދަނާ ކުރުމުގެ ބޭނުމުގައި، ދިވެހިޖުމްހުރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙް ކުރަންޖެހިފައިވާ ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވައިގެން ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ޚާއްޞަ މަޖިލިސް 2004 ޖުލައި 19 ވަނަ ދުވަހުއެއްކުރެވުނެވެ.

ޤާނޫނުއަސާސީ ޑްރާފްޓް ކުރެވުނީ ޢާންމު ރައްޔިތުންގެ ފަރާތުން ޤާނޫނުއަސާސީއަށް ގެންނަން ފެންނަ އިޞްލާޙްތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން، އެ ހުށަހެޅުންތަކަށްވެސް ބެލުމާއިއެކު، ރައްޔިތުންގެ ޚާ އްޞަ މަޖިލިހުން ޤާނޫނުއަސާސީ ޑްރާފްޓް ކުރުމަށް އެކުލަވާފައިވާ [ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީ] އިންނެވެ.

[ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީ] ގެފަރާތުން ޤާނޫނުއަސާސީ ޑްރާފްޓްކުރުމުގައި ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވާފައިވެއެވެ. އެގޮތުން ކޮމިޓީއަށް އިސްލާމީ ޝަރީޢާގެ ރޮގުން މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވީ އެކަމުގެ މާހިރު ޕްރޮފެސަރ މުޙަންމަދު ހާޝިމް ކަމާލީ އާއި ކޮންސްޓިޓިއުޝަނަލް ލޯގެ މާހިރެއްކަމުގައިވާ ޕްރޮފެސަރ ޑަގްލަސް އޭ ޝުމެއިޒަރ އެވެ.

އިޝާރާތްކުރެވުނު ގޮތުގެ މަތީން ޑްރާފްޓްކޮށް އެކުލަވާލެވުނު ޤާނޫނުއަސާސީގެ މާއްދާތަކާއި މެދު ޚާއްޞަ މަޖިލިހުގެ މެންބަރުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމަށްފަހު، ޤާނޫނުއަސާސީގެ ހުރިހާ މާއްދާއެއް ފާސްކޮށް ޤާނޫނު އަސާސީ އިޞްލާޙްކުރުގެ ހުރިހާ މަސައްކަތެއް 26 ޖޫން 2008 ގައި މުޅިން ނިންމަވާ ލެއްވިއެވެ.

ބުނެވުނު ގޮތުގެ މަތީން ޤާނޫނުއަސާސީ އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށް ތަޞްދީޤު ކުރެއްވުމަށް ފޮނުވުނު ހިނދު، 6 ޝަޢުބާން 1429 (07 އޯގަސްޓް 2008) ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުމުން އެވަގުތުން ފެށިގެން އެޤާނޫނުއަސާސީ ބަލައިގަނެ އެމައްޗަށް ޢަމަލު ކުރެވެމުން މިދަނީއެވެ.


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 1997
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 2008