Maldives High Court
ދިވެހިރާއްޖޭގެ ހައިކޯޓުގެ ވެބްސައިޓަށް މަރުޙަބާ!


ދިވެހިރާއްޖޭގައި ވަކި އިދާރާއެއްގެ ގޮތުގައި ކޯޓުތައް އުފެދި އެތަންތަނުން ޢަދުލް އިންޞާފުގެ މުހިންމު ޚިދުމަތް ރައްޔިތުންނަށް ދެވެންފެށިފައިވަނީ ހިޖްރީސަނަތުން 1327 ވަނަ އަހަރުގައި ކަމަށްވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލު ކުރުމާއެކުއެކީގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަސައްކަތަށް ވެރިކަމުގެ ފަރާތުން ބޭފުޅުން ޢައްޔަންކުރެވި އެކަން ވަނީ އޭރުގެ ޙާލަތާ އެކަށޭނަގޮތަކަށް ހިނގަން ފަށާފައެވެ.

ރާއްޖޭގެ ވެރިކަމާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޙަވާލުވެ ވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ޝަރުޢީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޢަދުލު އިންޞާފު ލިބިދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދަވައި ކޯޓުތަކުން ކަނޑައެޅޭ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި 1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު އުފެއްދެވިއެވެ.

[ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ] 07 އޯގަސްޓް 2008 ގައި ތަޞްދީޤު ކުރެވި އެޤާނޫނު އަސާސީގެ 282 ދެވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިންތިޤާލީ ސުޕްރީމްކޯޓު އުފެދެންދެން، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓެވެ.

ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓު އެކުލެވިގެންވަނީ ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށް ޤާނޫނު އަސާސީގެ 146 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ.

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ އިތުރުން ހައިކޯޓަށް ޢައްޔަންކުރެވޭ 8 (އަށެއް) ފަނޑިޔާރުންނާއި، އެކު ޖުމްލަ 9 (ނުވައެއް) ފަނޑިޔާރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ނަޒަރު ކުރާއިރު، ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީވެސް ހައިކޯޓުގައެވެ.

ޤާނޫނު އަސާސީންނާއި ޤާނޫނުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަތިކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ވާޖިބު އަދާކުރުމުގައި އަންނަނިވި ކަންތައްތައް ކުރުމާއި ތިރީގައި ބަޔާންކުރެވިފައިވާ ބާވަތްތަކުގެ މައްސަލަ ބެލުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.

1- ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް.
2- ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ޤާނޫނު އަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނު އަސާސީއާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
3- ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދެއް ނުވަތަ އެ ޤަވާއިދެއްގެ ބައެއް ޤާނޫނު އަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
4- ދަށުކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ އެއިން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ ނިންމުމެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ގަވާއިދަކާ ޚިލާފުވާ ކަމަށް ދެކިގެން އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް.
5- ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވާ އަމުރެއް ނެރެފައިވަނީ ޤާނޫނު އަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު ލިބިގެންވާ ފަރާތަކުން ހުށަހަޅާ މައްސަލަތައް.
6- ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޤާނޫނުންނާއި ހައިކޯޓުގެ ޤަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާ ގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު.
7- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި ހައިކޯޓުގެ ޤަވާޢިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ހައިކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތިން، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ، ނެރެންޖެހޭ އެންމެހައި އަމުރު ނެރުމުގެ ބާރު.
8- ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ނުވަތަ ކަމަކާ ގުޅިގެން ހައިކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން، ހާޒިރުކުރުމުގެ ބާރު.
9- ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައި ވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ކުރުމުގެ ބާރު.
10- ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު