Maldives High Court

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން

8   ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 9 ފަނޑިޔާރުންގެ މައްޗަށެވެ.

1 - އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ


އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.  

އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ގއ. ދެއްވަދޫއާ، ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ކޯޓު ނަންބަރު 2 ގެ ޤާޟީކަމާ، ޖުވެނައިލް ކޯޓުގެ ޤާޟީކަމާ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާ އެ ކޮމިޝަންގެ ނާއިބު ރައީސްކަން އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރައްވާފައިވެއެވެ.

2 -
 ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޢަނީ މުޙައްމަދު

އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނައަހަރުގެ މާރޗްމަހުގެ 14 ވަނަ ދުވަހުއެވެ. އަދި 21 ސެޕްޓެމްބަރު 2008ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުވަނީ ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ފުރުއްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަންވެސް ކުރައްވާފައެވެ. މަދަނީ ކޯޓްގެ ޤާޟީކަމަށް އިސްކުރެއްވީ، 10 ޖުލައި 2000 ގައެވެ. 


 3- ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދައްރިސްކަމާއި، މަދަނީކޯޓުގެ ޤާޟީކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަދުވަހުއެވެ.
4- ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ


އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، ޤަޠަރުގެ ޤަޠަރު ޔުނިވަރސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާޞިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރ ކަމާއި ޚާއްޞަ ޤާޟީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އެ މަނިކުފާނު ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.5 - ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމް

އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީ އިން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާރނީޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރކަން ހިމެނެއެވެ. އެ މަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. 
6 - ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު

އަލްއުސްތާޛު ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011  މާރޗް 26 ވަނަ ދުވަހުއެވެ.

7 - ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން

އަލްއުސްތާޛު ޝުޖާޢު އުޘްމާންއަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.  

އަލްއުސްތާޛު ޝުޖާޢު އުޘްމާން ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ގއ. ވިލިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާ، އދ. އަތޮޅާ، ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާ، ކްރިމިނަލް ކޯޓުގެ ޤާޟީކަން ހިމެނެއެވެ.