Maldives High Court
އެފް އޭ ކިޔު
ހައިކޯޓުން މައްސަލަތައް ބަލައިގަންނާނީ ކޮން ގަޑިއެއްގައި؟
ރަސްމީ ކޮންމެ ދުވަހެއްގެ، ހެނދުނު 8:00 ން ފެށިގެން، 13:00 އަށް މައްސަލަތައް ބަލައިގަންނާނެއެވެ.‫​
ހައިކޯޓަކީ ކޮބާ؟
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ [ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކަށެވެ] މިފަދައިންނެވެ. ހައިކޯޓު އެކުލެވިގެންވަނީ ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށް ޤާނޫނު އަސާސީގެ 146 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ އިތުރުން ހައިކޯޓަށް ޢައްޔަންކުރެވޭ 8 (އަށެއް) ފަނޑިޔާރުންނާއެކު ޖުމްލަ 9 (ނުވައެއް) ފަނޑިޔާރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެއެވެ. ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. ހަމައެހެންމެ ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައެވެ. ހައިކޯޓުން މައްސަލަތައް ބަލާ ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުން މަޖްލިހަކުންނެވެ.
ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރަނީ ކޮންފަރާތަކުން؟
ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުންނެވެ.
ހައިކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުންގައި ހުންނަންޖެހޭ ވަކި ޝަރުޠުތަކެއްވޭތަ؟
ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ، އަޚުލާޤު ރަގަޅު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހުންނެވެ. މިފަދަ މީހުން ކަނޑައެޅުމުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނެއެވެ. (1) ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. (2) އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ތަޢުލީމް ލިބިފައިވުން. (3) ސުންނަތް ޖަމާޢަތުގެ މުސްލިމަކުކަމުގައިވުން. (4) ޢުމުރުން 25 އަހަރު ފުރިފައިވުން. (5) އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައިނުވުން. (6) ބުއްދި ސަލާމަތުން ހުރި މީހަކުކަމުގައިވުން.
ހައިކޯޓުން ބަލާނީ ކޮންކަހަލަ މައްސަލަތަކެއް؟
ހައިކޯޓުން ބަލާނީ ތިން ބާވަތެއްގެ މައްސަލަތަކެވެ. އެއީ؛ (1) ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ޤާނޫނު އަސާސީއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނު އަސާސީއާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް. (2) ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް. މިސާލަކަށް: އިންތިޚާބީ ކުށާއި ޝަކުވާގެ މައްސަލަތައް، ސިޔާސީ ޕާޓީއާ ބެހޭ މައްސަލަތައް. (3) އިސްތިއުނާފުކުރެވޭ މައްސަލަތައް
ދުސްތޫރީ މައްސަލަތަކަކީ ކޮބާ؟
ދުސްތޫރީ މައްސަލަތަކަކީ، ޤާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބަލާ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައެކެވެ.
އިސްތިއުނާފުގެ މައްސަލަތަކަކީ ކޮބާ؟
އިސްތިއުނާފުގެ މައްސަލަތަކަކީ، ދަށުކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ އެއިންކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް، ނުވަތަ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވާ އަމުރެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުވާނަމަ، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހަމައެކަނި ހައިކޯޓުން ބެލޭ ބާވަތުގެ އެއްވެސް މައްސަލައެއްވޭތަ؟
ޤާނޫން ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ) 64 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިންތިޚާބީ ޝަކުވާގެ މައްސަލަތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް އިލެކްޝަން ކޮމިޝަންގެ ފަރާތުން ހުށަހަޅާ އިންތިޚާބީ ކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިދީފައިވާއިރު، މއ. ކިބިގަސްދޮށުގެ މުޙައްމަދު ޣައްސާނު މައުމޫން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ ނިންމާފައިވާ، ނަންބަރު 2009/HC-I-SH/01 އިންތިޚާބީ ޝަކުވާގެ މައްސަލަ، އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި ސްޕްރީމްކޯޓަށް މ. ސީވޯލް މުޙައްމަދު މުސްޠަފާ ހުށަހެޅި ސްޕްރީމްކޯޓުގެ ނަންބަރު .‫​SC-L/042009 ފޯމާއި މެދު އެކޯޓުގެ ނަންބަރު 2009/SC-L-J/1 [އިލްތިމާސް ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް] އަށް ބަލާއިރު، އިންތިޚާބީ ޝަކުވާގެ މައްސަލަ ބެލުމަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ޚާއްޞަ އިޚްތިޞާސްކަމަށް ކަނޑައަޅުއްވާ އެފަދަ މައްސަލަތައް ސްޕްރީމްކޯޓުގައި އިލްތިމާސް ނުކުރެވޭނެކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން 2009 އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ކަނޑައަޅުއްވާފައިވެއެވެ. އެހެންކަމުން އިންތިޚާބީ ޝަކުވާގެ މައްސަލަ ތަކަކީ ހަމަ އެކަނި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލަތަކެވެ.
ހައިކޯޓުން މައްސަލަ ބަލައިގަތުމަށް އެއްވެސް ފީއެއް ނަގާނެތަ؟
ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ -/300ރ. (ތިންސަތޭކަ ރުފިޔާ)ގެ ފީއެއް ދެއްކުމުންނެވެ.‫​
ހައިކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ޙުކުމްކުރާނީ އެމައްސަލައެއް ހުށަހަޅާތާ ކިތައް ދުވަހުގެ ތެރޭގައި؟
އުސޫލެއްގެ ގޮތުން ކޯޓަށް ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލާ ޙުކުމް އިއްވުމަށް ކޯޓުން ސަމާލުކަން ދޭނެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެކި މައްސަލަތައް ބެލުމަށް ނަގާ މުއްދަތު ތަފާތުވާނެއެވެ.
މައްސަލައިގެ ޙުކުމް ލިބޭނީ ކޮން އިރަކު؟
ކޮންމެ މައްސަލައެއްގައިވެސް ޙުކުމް ކުރެވޭ ދުވަހު ނުވަތަ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު ޤަޟިއްޔާގެ ޙުކުމް ނުވަތަ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެއެވެ.
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ކޯޓަށް ޙާޟިރުވުމަށް ޢުޒުރުވެރިވާފަދަ ކަމެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެތް؟
ކޯޓަށް ޙާޟިރުވުމަށް އަންގާފައިވަނިކޮށް ޙާޟިރުވެވެން ނެތް މަޤުބޫލު ސަބަބެއް މެދުވެރިވެއްޖެނަމަ އެކަން ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރުގައި ޙާޟިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ ކުރިން ކޯޓަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި އެއީ މަޤުބޫލު ސަބަބެއްނަމަ ކޯޓުން އެޢުޒުރު ޤަބޫލުކުރާނެއެވެ.
މައްސަލައެއް ކޯޓުގައި ހިނގަމުންދަނިކޮށް ކުއްލިކަމެއް ދިމާވެ ރަށުން ބޭރަށް ފުރަންޖެހިއްޖެނަމަ ހަދާނީ ކިހިނެތް؟
ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް ކުއްލި ކަމެއް މެދުވެރިވެ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ކޯޓަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކޯޓުގެ ހުއްދަ ލިބުމުން ފުރާނީއެވެ.
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދަން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެތް؟
މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ބޭނުންވެއްޖެނަމަ އެކަން ކޯޓަށް ލިޔުމަކުން ހުށަހަޅާނީއެވެ. އަދި ކޯޓުން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓް ދޫކުރާނީ "އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އާއި އެއްގޮތްވާ ގޮތުގެ މަތީން 20 ރުފިޔާގެ ސްޓޭމްޕެއް ޖެހުމަށްފަހުއެވެ. ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ދޫކުރެވޭނީ މަޙްޟަރު ބަޔާންތަކާއި ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކާއެކީއެވެ. ރިޕޯޓުގައި ހިމެނިފައިވާ މަޙްޟަރު ބަޔާންތަކާއި ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުގެ ކޮންމެ ޞަފްޙާއަކަށް-/1ރ (އެކެއް) ރުފިޔާ ދައްކަން ވާނެއެވެ.
ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ސަމާލުކަން ދޭނެ ކަންތައްތަކަކީ ކޮބާ؟ އަދި މައްސަލަތައް ނިންމުމުގައި ފަނޑިޔާރުންގެ ދައުރަކީ ކޮބާ؟
ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނީ ޤާނޫނު އަސާސީއާ ޤާނޫނުގައިވާ ގޮތަށެވެ. އަދި މައްސަލަތައް ނިންމާނީ ވަކި ފަރާތަކަށް ބުރަނުވެ ޢަދުލުވެރިކަމާ އިންސާފުވެރިކަމާއެކުގައެވެ. މިގޮތުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ހުރިހާ ޙާލަތެއްގައި، ކޯޓުގެ ޝަރީޢަތްތައް ހިންގާނީ އެކަށީގެންވާ މުއްދަތެއްގައި ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުންނެވެ. ހަމައެހެންމެ، ހުޅުވާނުލާ ހިންގާ ޝަރީޢަތަކާބެހޭ ގޮތުން ފިޔަވައި، ކޯޓުން ނެރޭ ހުރިހާ އަމުރުތަކާއި ޙުކުމްތައް އިއްވާނީވެސް ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ހައިކޯޓުން ނިންމާ ހުރިހާ މައްސަލަތަކަކީވެސް އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ މައްސަލަތަކަކަށްވުމާއެކު، ކޮންމެ މައްސަލައެއްވެސް ނިންމާނީ އެމައްސަލައެއް ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އެމައްސަލައެއް ނިންމުމަށް ބުރަވާ ގޮތަކަށެވެ.
ކޯޓުގައި ހިންގާ ހުރިހާ ޝަރީޢަތަކީވެސް ހުޅުވާލެވިގެން ހިންގާ ޝަރީޢަތްތަކެއްތަ؟
ކޯޓުގެ ޝަރީޢަތްތައް ހިންގާނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ކޯޓުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ނަމަވެސް ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، އެފަދަ އަޑުއެހުމެއް ބާއްވާނީ ޢާންމުކޮށް ހުޅުވާނުލައެވެ. އެ ސަބަބުތަކަކީ؛ (1) މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުން، (2) ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން، (3) ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން. މިއެވެ.
ކޯޓުގެ ނިންމުމެއްގެ މަޢުލޫމާތެއް ބޭނުންވެއްޖެނަމަ އެމަޢުލޫމާތު ލިބޭނީ ކިހިނެތް؟
ކޯޓުން ޢާންމުކޮށް ހުޅުވާލައިގެން ހިންގާ ޝަރީޢަތެއް ނިމުނުގޮތާއި އަދި ހުޅުވާލެވިފައިވާ މަޖިލީހެއްގައި ނެރޭ އަމުރުތައް ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުން، ކޯޓުން ޢާންމުކުރާ ލިޔުމުގެ ކޮޕީއެއް ލިބޭނެއެވެ. ހަމައެފަދައިން މިލިޔުންތައް ކޯޓުގެ ވެބް ސައިޓުންވެސް ލިބެން ހުންނާނެއެވެ.
ކޯޓަށް ހުށަހެޅޭ މައްސަލަތަކާބެހޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގައި ކޯޓުން ގެންގުޅޭ އުސޫލަކީކޮބާ؟
ކޯޓަށް ހުށަހެޅޭ ވަކިވަކި މައްސަލަތަކާބެހޭ ގޮތުން ކޯޓުން މީޑިއާއަށް މަޢުލޫމާތެއް ނުދޭނެއެވެ. ނަމަވެސް ކޯޓުގައި އެދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތާވަލު ކޯޓުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ. އަދި އެއިން މައްސަލައެއްގެ މަޢުލޫމާތު މީޑިއާއަށް ބޭނުންވާނަމަ، އެ ޝަރީޢަތެއްގެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު މީޑިއާއަށް ލިބޭނެއެވެ. ނަމަވެސް މީޑިއާގެ ފަރާތުން އަންނަ މީހުންވެސް ޝަރީޢަތުގެ މަޖިލީހަށް ވައްދާނީ ޢާންމުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އުސޫލާ އެއްގޮތަށް ނަން ނޯޓުކުރުމަށްފަހުއެވެ. މީޑިއާގެ ފަރާތްތަކުން އެއީ މީޑިއާގެ ފަރާތުން އަންނަ މީހެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.
ކޯޓަށް ހުށަހެޅި ކުރިއަށްދާ ޝަރީޢަތަކާބެހޭ މަޢުލޫމާތު ހާމަކުރުމުގައި މީޑިއާއިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟
ހިގަމުންދާ ޝަރީޢަތަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ޢާއްމުކުރަންވާނީ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ. އެހެންނަމަވެސް އަންނަނިވި ޙާލަތްތަކުގައި އެމަޢުލޫމާތެއް ޢާންމުކުރުމަކީ މަނާކަމެކެވެ. (1) ޢާންމުކުރާ މަޢުލޫމާތަކީ ޢަމަލުކުރެވެމުންދާ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން މަނާކުރާކަމަކަށްވުން. (2) ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، ޝަރީޢަތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ޢާންމުކުރުން ކޯޓުން މަނާކޮށްފައިވުން. (3) ކޯޓުގައި ހިގަމުންދާ ޝަރީޢަތަކީ މަސްލަޙަތަށްޓަކައި އާންމުކޮށް ހުޅުވާލެވިފައިނުވާ ޝަރީޢަތަކަށްވުން. (4) ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މަޢުލޫމާތަކާ ބެހޭގޮތުން ހިންގޭ ޝަރީޢަތަކަށްވުން. (5) ޝަރީޢަތުން ވަކި ސަބަބަކާހުރެ މައްސަލައަކާ ގުޅޭގޮތުން ކަމެއް ޢާންމުކުރުން މަނާކަން އަންގާފައިވުން.
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތެއް އަޑުއަހަން ޢާންމުންގެ މީހަކަށް ވަދެވިދާނެތަ؟
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހުޅުވާލެވިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ބަލާ މައްސަލައެއްނަމަ، އެފަދަމައްސަލައެއްގެ އަޑުއެހުމަށް ޝަރީޢަތުގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަކުން ޢާންމުންނަށްވެސް ވަދެވޭނެއެވެ. ނަމަވެސް މިގޮތަށް އަޑުއަހަން ވަދެވޭނީ އެއަޑުއެހުމެއް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ޤަވާޢިދާއެއްގޮތްވާ ގޮތުގެ މަތިން ކޯޓަށް ޙާޟިރުވެ ނަން ނޯޓުކުރުމަށްފަހުއެވެ. ނަން ނޯޓުކުރަން އަންނަ އިރު އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ފޮޓޯޖެހި ލިޔުމެއް ގެންނަންވާނެއެވެ.
ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ވަންނަ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟
ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ޙާޟިރުވާ އެންމެހައި ފަރާތްތައް ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ކޯޓަށް ޙާޟިރުވުމަށް އެކަށީގެންވާ ހެދުމެއް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.
ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމަކީ ކޮބާ؟
ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއް ކަމުގައި ބަލާނީ "ކޯޓަށް ޙާޟިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާއިބެހޭ ޤަވާޢިދު" އާ ޚިލާފުވާ ކޮންމެ ހެދުމެކެވެ. މިގޮތުން، (1) ކޯޓަށް ޙާޟިރުވާ ކޮންމެ މީހަކުވެސް ހުންނަންވާނީ ކާކުކަން އެނގޭފަދަ ހެދުމެއް އަޅައިގެންނެވެ. (2) ކޯޓަށް ޙާޟިރުވާ ފަރާތްތަކުން ނިވާކަން ކުޑަ ހެދުން، ކުރު ސޯޓު، ގިރުވާން ނުހުންނަ ޓީޝާޓް، ޓްރެކްސޫޓް، އަދި އެކަށީގެން ނުވާފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުން އެޅުމަކީ މަނާކަމެކެވެ. (3) ކޯޓަށް ޙާޟިރުވާ ފަރާތްތައް އިސްލާމްދީނާއި ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭފަދަ ހެދުން ލުމާއި، އެފަދަ ގަހަނާތައް ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެޅުމަކީ މަނާކަމެކެވެ. (4) ހަމަ އެހެންމެ، ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާކަމަށް ކޯޓުން އަންގާ ކޮންމެ ހެދުމެއް އެޅުމަކީ މަނާކަމެކެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އެކި ޔުނީފޯމުގައި ތިބެންޖެހޭ ފަރާތްތައް، މަޤާމުގެ ހައިސިއްޔަތުން ކޯޓަށް ޙާޟިރުވާނަމަ ޙާޟިރުވާނީ އެމީހަކު އެމަޤާމެއްގެ ހައިސިއްޔަތުން ލާންޖެހޭ ޔުނީފޯމެއްގައެވެ. ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއްގައި އަންނަ މީހަކު ކޯޓަށް ވަނުން މަނާ ކުރެވޭނެއެވެ.
ކޯޓުގެ ޙުރުމަތް ކެނޑުމަކީކޮބާ؟
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކާމެދު ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަގޮތަށް ކުރާ ޙަރާކާތަކުން ނުވަތަ އެނޫންވެސް ގޮތަކުން ކޯޓުތެރޭގައި ނުވަތަ ކޯޓުން ބޭރުގައިވިޔަސް ކޯޓަށް ރައްދުވާގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމެވެ. 1) ކޯޓާ ބެހޭ ގޮތުން ނުބައި ތަޞައްވަރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުން. 2) ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން. 3) ހިނގަމުންދާ ޝަރީޢަތެއްގައި ނުވަތަ މައްސަލައެއްގައި ފަނޑިޔާރަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ކުރުން. 4) ކޯޓުން ކުރާ ޙުކުމަކަށް، ނުވަތަ ނެރޭ އަމުރަކަށް ނުވަތަ މިނޫންގޮތަކަށްވެސް ކޯޓުން އަންގާ އެންގުމަކާ ޚިލާފުވާގޮތަށް ޤާނޫނާ ޚިލާފަށް ޤަސްދުގައި ކަމެއް ކުރުން. 5) ޝަރީޢަތަށް ޙާޟިރުވެ ޝަރީޢަތެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުން. 6)‫ ޢަދުލު އިންސާފު ޤާއިމުކުރުމަށް ދަތިކުރުން، ނުވަތަ ދަތިކުރަން މަސައްކަތްކުރުން. 7) ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން. 8) ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ ހިންގުމާބެހޭ މުވައްޒަފަކަށްް އިހާނަތްތެރިވާފަދަ ބަހެއްބުނުން ނުވަތަ ޢަމަލެއްކުރުން. 9) ކޯޓުތެރޭގައި ނޭދެވޭ ހަޑިހުތުރު ބަސް ބޭނުންކުރުމާއި، އަދަބާއި ޚިލާފު ޢަމަލުކުރުމާއި، ކޯޓުގެ ޙުރުމަތާ އެކަށީގެން ނުވާ ފަދަ ހެދުން އަޅައިގެން ކޯޓަށް ޙާޟިރުވުން. 10) ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން. 11) ކޯޓަށް ޙާޟިރުވެ ހުރި އެއްވެސް މީހެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން. 12) ކޯޓުގެ މުދަލަކަށް ގެއްލުމެއް ދިނުން. 13) ‫​ކޯޓުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރެކޯޑްކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަޞީލަތެއް ޝަރީޢަތުގެ މަޖިލިހަށް ވެއްދުން.
ކޯޓުގެ ޙުރުމަތް ކަނޑާލައިފި މީހަކާމެދު އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ؟ ނުވަތަ އެފަދަ މީހަކަށް ދެވޭނެ އަދަބަކީ ކޮބާ؟
އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ މުއައްސަސާ އަކުން ނުވަތަ އެއިން ތަނެއް ހިންގުމާ ޙަވާލުވެ ހުރި ފަރާތަކުންވިޔަސް ހައިކޯޓުން އަންގާ އެންގުމަށް ނުވަތަ ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ކޯޓުތަކުގެ ހައިބަތާއި ޤަދަރަށް އުނިކަން ދިނުން ކަމަށް ބަލައި އެފަދަ ފަރާތްތަކާއިމެދު ޤާނޫނުލް ޢުޤޫބާތުގެ 85، 87، 88 މިއިން މާއްދާއެއްގެ ދަށުން އަދަބު ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. ހަމަ އެހެންމެ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގެ ދަށުން އެމީހަކަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.
ހައިކޯޓުގެ ނިންމުންތަކުގެ މަޢުލޫމާތު އެންމެންނަށްވެސް ލިބޭނެތަ؟
ހައިކޯޓުގެ ހުރިހާ ނިންމުމެއްވެސް ހައިކޯޓުގެ ވެބް ސައިޓު www.highcourt.gov.mv އިން ލިބެން ހުންނާނެއެވެ.
ހައިކޯޓަށް ހުށަހެޅޭ މައްސަލަ ރެޖިސްޓްރީކުރެވެނީ ކިހިނެއް؟
މައްސަލަ ހުށަހަޅާ ފޯމުގައިވާ މައުލޫމާތު ފުރިހަމަކޮށްފައިވާ ފޯމުތައް ހުށަހެޅުމުން، އެމައްސަލައަކީ ހައިކޯޓުގެ ގަވާއިދާއި އެއްގޮތަށް ހުށަހެޅިފައިވާ މައްސަލައެއްތޯ ބެލުމަށްފަހު، -/300ރ (ތިންސަތޭކަ ރުފިޔާ)ގެ ރެޖިސްޓްރޭޝަން ފީއެއް ނެގުމަށްފަހު އެމައްސަލައެއް ކޯޓުގައި ރެޖިސްޓްރީ ކުރެވޭނެއެވެ.
މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު އެމައްސަލައެއް ބަލައިގަނެވިދާނެތަ؟
ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ގަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅަންޖެހެނީ ވަކިމުއްދަތެއްގެ ތެރޭގައިތޯ؟
.‫​އިސްތިއުނާފުކުރެވޭ މައްސަލައަކީ މާލޭގައި ހުރި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނަމަ، އެ ނިންމުމެއް ނިންމި ދުވަހުގެ ފަހު ދުވަހުން ފެށިގެން 90 ދުވަސް؛ އިސްތިއުނާފުކުރެވޭ މައްސަލައަކީ އަތޮޅުތަކުގައި ހުރި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނަމަ، އެ ނިންމުމެއް ނިންމި ދުވަހުގެ ފަހު ދުވަހުން ފެށިގެން 180 ދުވަސް؛ އިންތިޚާބާބެހޭ ކުށުގެ ނުވަތަ ޝަކުވާގެ މައްސަލައެއް ނަމަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢްލާނުކުރާތާ ގިނަވެގެން 14 ވުދަސް؛ ވަޒީފާއާބެހޭ ޓްރިބިއުނަލްއިން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރާ ނަމަ، ޓްރިބިއުނަލްއިން ‫އެ ނިންމުމެއް ނިންމި ދުވަހުގެ ފަހު ދުވަހުން ފެށިގެން 60 ދުވަސް؛‫ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅާ ފޯމާއި އެކުގައި އިތުރު ލިޔެކިއުމެއް ހުށަހަޅަންޖެހޭނެތަ؟
މައްސަލަ ހުށަހަޅަނީ ފަރުދެއް ނަމަ އެފަރާތުގެ އައި.ޑީ ކާޑު ކޮޕީއެއް، ކުންފުންޏަކުން ނަމަ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީއެއް؛ އިސްތިއުނާފު ކުރެވޭ މައްސަލައެއް ނަމަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލްއިން މައްސަލަ ނިންމިގޮތުގެ ރިޕޯޓުގެ އަސްލު؛ މައްސަލަ ހުށަހަޅާ ފޯމުގެ އަސްލުގެ އިތުރުން، ދައުވާލިބޭ ކޮންމެ ފަރާތަކަށް ކޮޕީއެއް؛ އަދި އޭގެ އިތުރުން ހުށަހަޅާ މައްސަލައާ ގުޅުން ހުރި ހުރިހާ ލިޔެކިއުންތައް ހުށަހަޅަންޖެހޭނެއެވެ.
ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ބޭނުންކުރެވޭ ފޯމުތަކަކީ ކޮބާ؟
އިސްތިއުނާފު ކުރުމަށް ދައުވާ ހުށަހަޅާ ފޯމް؛ ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމް؛ އިންތިހާބާބެހޭ ކުށުގެ މައްސަލަ ހުށަހަޅާ ފޯމް؛ އިންތިހާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމް؛ ސިޔާސީ ޕާޓީއާބެހޭ މައްސަލަ ހުށަހަޅާ ފޯމް
ހައިކޯޓަށް މައްސަލަ ހުށަހަޅާނީ ކިހިނެއް؟
މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމުގައި ނުވަތަ ފޯމުގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތީން ތައްޔާރުކުރެވިފައިވާ ލިޔުމަކުން ފޯމުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަކުރުމަށްފަހު ކޯޓަށް ހުށަހަޅާނީއެވެ.
މައްސަލައާގުޅޭ ފޯމް ހޯދާނީ ކިހިނެއް؟
ހައިކޯޓުން އަދި ހައިކޯޓުގެ ވެބްސައިޓުން ފޯމުތައް ލިބެންހުންނާނެއެވެ.